ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެކެވެ.

އެޑްމިން

އިމްތިޙާނެކޭ ބުނުމުން އެއިން އަހަރެމެންނަށް ދޭހަވަނީ ދުނިޔޭގައި އެކިކަންކަމުގައި ހަދާ އިމްތިޙާންތަކެވެ. ސްކޫލްް ނުވަތަ ކޮލެޖްގައި ހަދާ އިމްތިޙާންތަކުގައި އަހަރެމެން ތިބެނީ އެކަކު އަނެކަކަށް މުޢާމަލާތު ނުކުރެވޭ ގޮތަށް އެކަހެރިކޮށެވެ. އެކަކު އަނެކަކުގެ ކަރުދާސް ބެލުމަކީ އިމްތިޙާނުގެ ޤަވާއިދުތަކާއި ޚިލާފުކަމެކެވެ. އެހެންނަމަވެސް އިމްތިޙާންތަކުގައި ނަކަލް ކުރުމަކީ ކުރެވިދާނެކަމެކެވެ. އަދި އެކަން އެގޮތަށް ކުރާ މީހުންވެސް އުޅެއެވެ. ޢާންމު މާނައަށް ބަލާއިރު އިމްތިޙާނަކީ މީހަކު ނުވަތަ ބަޔަކު ވަކި ކަމަކުން ޓެސްޓް ކުރުމެވެ.

މާތް ﷲ އަހަރެމެން އިންސާނުން މި ދުނިޔެއަށް ފޮނުއްވާފައިމިވަނީ އިމްތިޙާން ކުރެއްވުމަށްޓަކައެވެ. މި އިމްތިޙާނަކީ ވަރަށް ތަފާތު އެހެން ހުރިހާ އިމްތިޙާނުތަކަކަށްވުރެ ބޮޑު އަދި އެމީހަކު ކުރާ ހުރިހާ ޢަމަލުތަކާއި ގުޅިފައިވާ އިމްތިޙާނެކެވެ. ސްކޫލްގައި ހަދާއިމްތިޙާނަކުން ފާސް ނުވެ އަމިއްލަ މަސައްކަތެއްކޮށްގެން ލިބޭ އެއްޗަކުން އަމިއްލަ ބޭނުންތައް މިދުނިޔޭގައި ފުއްދިދާނެއެވެ. އެހެންނަމަވެސް މާތް ﷲ އަހަރެމެން ކުރައްވަވާ އިމްތިޙާނުން ފެއިލް ވެއްޖެނަމަ، އެމީހަކީ ދެދުނިޔެ ގެއްލިއްޖެ މީހެކެވެ.

މި ދުނިޔޭގައި ކުރެވެމުން މިދާ އިމްތިޙާންގެ ހިސާބު ބެއްލެވުންވަނީ އަހަރެމެން މަރުވުމުން މަޙްޝަރު ދުވަހުއެވެ. އެމީހަކު ދުނިޔެއަށް ފޮނުއްވުމަށްފަހު ބާލިޣުުވުމުން އެމީހެއްގެ ޢަމަލުތައް ލިޔެވެމުންދާނެއެވެ. އަދި އެމީހެއްގެ ފުރާނަ މާތް ﷲ ހިއްޕަވަންދެން އެމީހަކު ކުރި ހުރިހާ ޢަމަލުތައް ލިޔެވޭނެއެވެ. އިމްތިޙާން ނިމޭނީ އެމީހެއްގެ ފުރާނަ ދިޔުމުންނެވެ. އެކަކަށްވެސް އެމީހެއްގެ މަރު އަންނާނެއިރެއް ނޭނގޭނެއެވެ.

މާތް ﷲ އިންސާނުންގެ ތެރެއިން ބަޔަކު ޚިޔާރު ކުރައްވައި އުޅެންވީ ގޮތާއި ނޫޅެންވީގޮތް (ޙަލާލް ކަންތަކާއި ޙަރާމް ކަންތައް) ބަޔާންކުރައްވައި ރަސޫލުން ފޮނުއްވިއެވެ. މާތް ﷲ ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) ފޮނުއްވައި އިސްލާމްދީން ފުރިހަމަކުރައްވައި އަދި އެކަލާނގެ ރުހިވޮޑިގެންވާ ގޮތަކީ އެއީކަމުގައި އެންގެވިއެވެ. މާތް ﷲ އެންމެހައި އިންސާނުންނަށް އަންގަވާފައިވަނީ، އެކަލާނގެ ފިޔަވައި އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށްހެކިވުމަށެވެ. އަދި އެއަށްފަހު ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާ ކުރުމަށާއި، ރަމަޟާން މަހު ރޯދަ ހިފުމަށާއި، ޒަކާތް ދިނުމަށާއި، ކުޅަދާނަވެގެންވާ މީހާ ޙައްޖުވުމަށެވެ. އަދި ކުރާ ހުރިހާ ޢަމަލެއްގައި އެކަލާނގެއަށް އިޚްލާޞްތެރިވުމަށެވެ. އަދި މި އެންގެވި ގޮތްމަތީ ދެމިތިބެ މަރުވި ބަޔަކަށް އެކަލާނގެ ތައްޔާރު ކުރައްވާފައިވާ ސުވަރުގެތައް ލިބޭނެކަމުގެ އުފާވެރި ޚަބަރު ދެއްވާފައިވެއެވެ.

ޙައްޤަކާއި ނުލައި މީހުން މެރުމާއި، މަކަރާއި ޙީލަތް ހެދުމާއި، ޒިނޭއާއި، ދޮގު ހުވާ ކުރުމާއި، އެކަކު އަނެކަކަށް އަނިޔާވެރިވުމާއި، ޣީބަބުނުމާއި، ޤަޒުފުކުރުމާއި، ރާބުއިމާއި، މިފަދަ އެންމެހައި ނުބައިކަންތައް މާތް ﷲ ވަނީ އިންސާނުނަށް ޙަރާމް ކުރައްވާފައެވެ. އަދި މިކަންތައްތަކަށް އަރަގަތުމުން ލިބޭނޭ ގަދަފަދަ ޢަޒާބުގެ ވާހަކައިން މާތްﷲ ކީރިތި ޤުރުޢާނުގަައި އެންމެހައި އިންސާނުނަށް އިންޒާރުކުަރައްވާފައިވެއެވެ. ނަމަވެސް ގިނަބަޔަކު އާޚިރަތުގެ މަތިން ހަދުމަ ނެތިއްޖެއެވެ. މިހާރު ކުރާކަށް ޙަލާލް ކަމެއްތޯ ނުވަތަ ނޫންތޯވެސް ބަލައިލަނީ މަދުމީހެކެވެ. އާޚިރަތުގެ މަތިން ހަދުމަ ހުރި މީހަކުނަމަ މަރާއި ދޭތެރޭގައި ވިސްނާ ފިކުރު ކުރާނެއެވެ. އެބައިމީހުން މަރު ނުވާނޭ ހީވާކަހަލައެވެ.

މިހާރު ރާއްޖޭގައި ކީރިތި ޤުރުޢާން މީހަކަށް އަޑުއިވޭ ހިސާބެއްގައި ކިޔަވާލަން ކެރޭ ކުއްޖަކު މަދެވެ. މިހާރު އެއީ ވަނީ ލަދު ކަމަކަށްވެފައެވެ. ކިޔަވާ ކުއްޖަކުވެސް މުބާރާތަކުން ވަނައެއް ޙާޞިލް ކުރުމަށްޓަކައިނޫނީ ކީރިތި ޤުރުއާން ނުކިޔަވައެވެ. އަހަރެމެން ކުރާ ކޮންމެ ޢަމަލެއްވެސް ވާންވާނީ މާތް ﷲ ގެ ރުއްސެވުމާއި ހެއު ދަރުމަ ހޯދުމަށް ކުރެވޭ ޢަމަލަކަށެވެ. އަދި ފަރުޟު ފަސްނަމާދު އަދާކުރުންމަތީ މީހަކު ހުރިނަމަ އެމީހަކަށް ހަޖޫ ޖަހާ މީހުންވެސް ތިބެއެވެ. އެމީހުން ނަމާދުކޮށް އުޅޭ މީހާއަށް "ހާދަ ޞާލިޙު މީހެއްދޯ"، "ނަމާދު ކުރާއިރު އަހަންނަށްވެސް ވާވަރަށް ކުރައްޗޭ" މިފަދަ ބަސްތައް ބުނެއެވެ. އެ ބުނެވޭ އެއްޗަކާއި މެދު ވިސްނާލުމެއްވެސް ނުހުރެއެވެ. މުސްލިމަކަށްވެ ހުރެ އަދި ހުރިހާ ކަމެއް ތިމާއަށް އެނގޭއިރު މަޖަލަކަށްވެސް އެފަދަބަސް ދުލުން ބުނަން ހެޔޮވާނީ ކިހިނެއްހެއްޔެވެ. މަޖަލަކަށް ބުނިކަމުގައިވިޔަސް އެވާނީ މާތް ﷲ ބާވައިލައްވައި ފުރިހަމަކުރެއްވެވި އިސްލާމްދީނަށް ފުރައްސާރަކުރުންކަމުގައެވެ. އެއީ މުޝްރިކުންވެސް މުސްލިމިންނަށް ރައްދު ނުކުރާފަދަ ބަސްބަހެވެ.

މިހާރު ރާއްޖެވެސް ތަރައްޤީގެ މަގުގައި މިވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. ނަމަވެސް ހަމައެއާއިއެކު މި ރާއްޖެއަށް މިވަނީ އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. ތަރައްޤީ ހޯދުމަށް އިސްލާމްދީނާއި ދުރައްދާކަށް ނުޖެހެއެވެ. ތަރައްޤީއަކީ ހަމައެކަނި މިދުނިޔޭގެ ތަރައްޤީއެއް ނޫނެވެ. ތަރައްޤީގެ މަގުގައި ކުރިއެރުން ބޭނުންނަމަ އާޚިރަތް ކާމިޔާބު ކުރުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. މިދުނިޔޭގެ ތަރައްޤީއަކީ ހަމައެކަނި މިފަނާވަނިވި ދުނިޔޭގައި މިހޭދަކުރާ ކުޑަ ދުވަސްކޮޅުގައި ދިރިއުޅުމަށް ފަސޭހަތަކެއް ހޯދައިދޭކަންތަކެވެ. ވީމާ އެފަސޭހަތަކާއިއެކު އާޚިރަތުގެ ޙަޔާތް ކާމިޔާބުކުރުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. މިގޮތުން މިސާލަކަށް ޤުރުއާން ކިޔެވުމުގައި މިހާރު މޮބައިލް ފޯނުގެ އެހީގައި މިވަނީ ވަރަށް ފަސޭހަ ކަމަކަށްވެފައެވެ. ވީމާ މިފަސޭހައިގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އާދަކުރާށެވެ. އަދި މީގެއިތުރުންވެސް އެތައްކަމެއްގައި މިވަނީ ފަސޭހަމަގު ލިބިފައެވެ. މިފަސޭހަތަކާއިއެކު އަހަރެމެންނާއި ކުރިމަތިވާ އެންމެހައި ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލާންޖެހޭނެއެވެ. މިގޮތުން އިންޓަނެޓްގެ ޒަރިއްޔާއިންނާއި މީޑިޔާއިން އިސްލާމްދީނާއި ޚިލާފު އެތައްކަމަކަށް ގޮވާލައި އެކަންތަކަށް މަގުފައިހި ކުރުވާނެއެވެ. އަދި މި ދެވަޞީލަތް މިހާރު ވެފައިވަނީ ފިކުރީ ހަނގުރާމައިގެ ހަތިޔާރަށެވެ. ވީމާ މިހުރިހާކަމަށް އަހަރެމެންނާއި އަހަރެމެންގެ ދަރިން ހޭލުންތެރި ކުރުވަން ޖެހޭނެއެވެ. އިސްލާމްދީނުގެ ކަންތައްތަކަށް އިސްކަންދީ އިސްލާޙުވުމަށް މަސައްކަތްކޮށް ނަފްސު ތަރައްޤީކުރުމަކީ ޙަޤީޤީ ތަރައްޤީއެވެ.

މިއީ ކޮންމެ މީހަކުވެސް ވިސްނަންވެއްޖެ ކަމެކެވެ. ތައުބާގެ ދޮރު މާތް ﷲ ބަންދު ނުކުރައްވަނީސް ތައުބާ ވުމަށް އަވަސްވެގަންނާށެވެ. މާތް ﷲގެ މައްޗަށްވާ ޙައްޤުތައް ތިމާއަށް އަދާކުރެވޭތޯ ކުޑައިރުކޮޅު ނަމަވެސް އެކަހެރިވެލައި އިނދެ ފިކުރުކޮށްލަބަލާށެވެ. އަހަރެމެންނަކީ މި ފަނާވަނިވި ދުނިޔޭގައި އަބަދު އުޅެން ފޮނުއްވާފައިވާ ބައެއްނޫނެވެ. ތިމާއަށް މިދުނިޔޭގައި ކުރެވިފައި ހުރި ހެޔޮ ޢަމަލުތައް ހިސާބުކޮށްލަބަލާށެވެ. އަދި ކުރެވިފައިވާ ފާފަތަކުގެ މައްޗަށް ދެރަވެ ހިތާމަކޮށް އެފަދަ ފާފަތަކުން ދުރުވެގަންނަން އަވަސްވެލައްވާށެވެ. މަރު އަންނާނެވަގުތެއް އެކަކަށްވެސް ނޭނެގެއެވެ. ޒުވާން ދުވަސްކޮޅު ކުރެވުންހާ ނުބައި ފާފައެއްކުރަމުން، "އަހުރެން ތައުބާވާނީ މުސްކުޅިވުމުންނޭ، ދަތްހުރި ދުވަހު ކާށި ކާންޖެހޭނެންނޫންހޭ" ބުނަމުންވެސް އެއްބަޔަކު އެބައުޅެއެވެ. ނަމަވެސް އެހެން ބުނަން ތިމާގެ ފުރާނަ މިވަގުތުވެސް ނުދާނެކަމުގެ ޔަޤީންކަން ދެވޭނީ ކާކަށްތޯއެވެ؟ މަރު އަންނަނީ ހަމައެކަނި މުސްކުޅި ވުމުންނެއްނޫނެވެ. ކިތަންމެ ކުޑައިރުވެސް މަރުވެދާނެއެވެ. ބުއްދިވެރިއަކީ ކޮންމެ ވަގުތަކުވެސް މަރު އަތުވެދާނެކަމަށް މަރަށް ތައްޔާރުވެގެން ހުންނަ މީހާއެވެ.

އަޅުގަނޑުގެ މި އިންޒާރާއި ނަޞޭޙަތުގެ މަތިން ހަނދުމަވާނެ ދުވަހެއް އަންނާނެކަން ހަމަޔަޤީނެވެ.

(ނިމުނީ)

ކޮމެންޓް

ގުޅޭ ލިޔުންތައް