ޤިޔާމަތްދުވަހުގައި ފާފަވެރިންގެ ޙާލު...؟؟؟

އެޑްމިން

ދުނިޔެއަކީ އަބަދަށް ދެމިތިބޭނެ ތަނެއްނޫންކަމީ އެއްވެސް މީހަކަށް އިންކާރު ކުރެވޭނޭ ކަމެއް ނޫނެވެ. މިއީ ވަގުތީ ގޮވައްޗެއް ކަމުގައިވާތީއެވެ. ދާއިމީ ދިރިއުޅުމަކީ އުޚުރަވީ ޙަޔާތުގެ ދިރިއުޅުން ކަމުގައިވާތީއެވެ.

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ މިދުނިޔެއަށް ފޮނުއްވީ ދާއިމީ ގޮވައްޗަށް ދިއުމަށްޓަކާ ތައްޔާރު ވުމަށްޓަކައެވެ. އޭނާއަށް މިދުނިޔޭގައި ކާމިޔާބުވަނީ ކިހާ މިންވަރަކަށް ކަމާއި، އޭނާ ހައްދަވައި ގެންގުޅުއްވާ އިލާހުގެ އަމުރުފުޅަށް އޭނާ ކިޔަމަންތެރިވަނީ ކިހިނަކުންކަމާއި އެއިލާހަށް ނުކިޔަމަންތެރިވާ ވާރަކީ ކޮބައިކަން އޭނާއަށް ދެއްކެވުމަށްޓަކައެވެ. އެކަމުގައި އޭނާ އިމްތިޙާނު ކުރެއްވައި އޭނާއަށް އޭނާގެ ޢަމަލުގެ ފަތުގެ ނަތީޖާ ދެއްކެވުމަށް ޓަކައެވެ.

އަޅާ ދުނިޔޭގައި ދިރިއުޅެމުންދާއިރު އޭނާ އޭނާގެ ސާހިބުވަންތަ ﷲއަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި އުޅޭނަމަ އޭނާއަކީ އެއިލާހުގެ ޙަޟުރަތުގައި ލޮބުވެތި އަޅެކެވެ. އަދި އޭނާ އެއިލާހުގެ އަމުރުފުޅުތަކަށް ތަބާނުވެ ނުކިޔަމަންތެރިވާނަމަ އޭނާއަކީ ކުށްވެރި އެކެވެ. ފާފަވެރިއެކެވެ. ﷲގެ ޙަޟުރަތުގައި ކޯފާވެ ވޮޑިގެންވާ އުރެދުންތެރި އެކެވެ. މަރުވުމަށް ފަހު ޢަޛާބު ޙައްޤުވެގެންވާ ނަރަކަ ވެރިއެކެވެ. މިގޮތުން މީހާ މަރުވުމަށް ފަހު ކޯފާޔާއި ޢަޛާބުގެ ޙައްޤުދާރު އުރެދުންތެރިންނަކީ ކޮބައިކަން ކީރިތި ޤުރުއާނާއި ލޮބުވެތި ރަސޫލާގެ ޙަދީޡުފުޅުތަކުގެ އަލީގައި ބަޔާންކޮށްލާނަމެވެ.

* ނަމާދު އަޅާމީހާގެ ޙާލު :

ނަމާދު އެޅުމަކީ ފާފަތަކުގެ ތެރެއިން އެންމެ ފާފަކަން ބޮޑު އެއްފާފައެވެ. ކުފުރާ ކައިރިކުރާ ޢަމަލެކެވެ. ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައި ވެއެވެ. " العَهْدُ الَّذِى بَيْنَنَا وَبَيْنَهُمْ الصَّلَاةُ فَمَنْ تَرَكَهَا فَقَدْ كَفَرَ" (އަޙްމަދު، ނަސާއީ، އިބްނުމާޖާ) މާނައީ: ތިމަންމެނާއި އެބައިމީހުންނާ (އެބަހީ މުސްލިމުންނާއި ކާފިރުންނާ) ދެމެދުގައިވާ ޢަހުދުކަށަވަރަކީ ނަމާދެވެ. ފަހެ ނަމާދު އަޅައިފިމީހާ ކުފުރުވެރި ވެއްޖެކަން ކަށަވަރެވެ.

ނަމާދު ކުރާ ކަމުގައި ވިއަސް ނަމާދަށް ފަރުވާކުޑަ ކުރުމާއި ނަމާދު ވަގުތުން ފަސްކުރުމާއި ނަމާދު ކުރުމުގައި މަޑުމޮޅިކަމާއި ތަވާޟުޢުވެރިކަމެއް ނެތި އަދާކުރުމާއި ނަމާދަށް ރައްކާތެރި ނުވުމަކީ އެކަމަށްޓަކައި ދީނުގައި ބޮޑުވެގެންވާ ވަޢީދުގެ ބަސްފުޅުތައް އައިސްފައިވާ ކަމެކެވެ. ކަށްވަޅުގެ ޢަޛާބު ލިބެނިވި ކަންތައްތަކުގެ ތެރެއިން ކަމެކެވެ. ނަރަކަވެރިއަކަށް ވުމުގެ މަގުހުޅުވޭ ކަމެކެވެ. ދުނިޔެއަށް ފޮނުއްވުނު އެންމެ ނުބައިވެގެންވާ ޤާރޫނާއި ފިރުޢައުނާއި ޙާމާނާއި އުބައްޔުބުނު ޚަލަފާއި މިފަދަ ނުބައިކަންބޮޑު މަލްޢުނުންނާއެކު ނަަރަކައިގެ އެންމެ އަޑީ ވަތްގަނޑުގައި ވޭންދެނިވި ޢަޛާބު ލިބިލިބި އޮންނަން ޖެހޭކަމެއް ކަމުގައި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ބަސްފުޅުގައި އައިސްފައި ވެއެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ عَنِ الْمُجْرِمِينَ (*) مَا سَلَكَكُمْ فِي سَقَرَ (*) قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ﴾ (އަލްމުއްދައްޘިރް: 41-43) މާނައީ: "ފާފަވެރިންގެ ގާތުން ކަނާތުގެ އަހުލުވެރިން ސުވާލުކުރާނެތެވެ. ބަލަ ކަލޭމެން ނަރައަށް ދާން ދިޔަޖެހުނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އެއުރެން ބުނާނެތެވެ. ތިމެންމެން ނަމާދުކުރާ މީހުންގެ ތެރެއިން ނުވަމުއެވެ."

* ޒަކާތް ނުދޭމީހާގެ ޙާލު :

ޒަކާތަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. ނަމާދު ފިޔަވައި ދީނުގައި އެންމެ އިސް މަޤާމު ދެވިފައިވާ ފަރުޟެވެ. އެއާ އިންކާރު ކޮށްފިމީހާ ދީނުން ބަރީއަ ވެދެއެވެ. އެއަށް އިހުމާލުވާ މީހާ ބޮޑުފާފަ ވެރިއަކަށް ވެދެއެވެ. ﷲގެ ޙަޟުރަތުން ލަޢުނަތް ޙައްޤުވާ މީހަކަށް ވެދެއެވެ. ނަރަކަވެރިއެއް ކަމުގައި ސިއްކަޖެހިދެއެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ يَا أَيُّهَا الَّذِينَ آَمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ (34) يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ هَذَا مَا كَنَزْتُمْ لِأَنْفُسِكُمْ فَذُوقُوا مَا كُنْتُمْ تَكْنِزُونَ ﴾ (އައްތައުބާ: 34-35) މާނައީ: "އަދި ރަނާއި ރިހީގެ ޚަޒާނާ ރައްކައުކޮށް ޖަމާކޮށް، ﷲގެ މަގުގައި ހޭދަނުކުރާ މީހުނަށް ޚަބަރު ދެއްވާށެވެ. އެމީހުނަށްޓަކައިހުރީ ވޭންދެނިވި ޢަޛާބެވެ. އެދުވަހުގައި އެތަކެތި ވިރުވައިލެވި އޭގެމައްޗަށް އެމީހުން ވައްޓާލެވޭނެއެވެ. އެހައިރުން އެމީހުންގެ މޫނުތަކާއި އަރިކަށިތަކާއި ބުރިކަށިތައް ފިއްސާލެވޭނެއެވެ. (އަދި އެމީހުންގެ ގާތުގައި ބުނެވޭނެއެވެ.) މިއީ ކަލޭމެން ތިމާމެންނަށްޓަކައި ޚަޒާނާކުރަމުންދިޔަ ތަކެއްޗެކެވެ. ފަހެ އެތަކެތީގެ ރަހަ ރަނގަޅަށް ލިބިގަންނާށެވެ." ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. " އެމީހަކަށް މާތް ﷲ މުދާ ދެއްވުމުން އެމުދަލުން އޭނާ ޒަކާތް ނުދޭކަމުގައިވާނަމަ ޤިޔާމަތް ދުވަހުގައި ﷲ އޭނާގެ މައްޗަށް ގަދަފަދަ ވެގެންވާ ވިހަގަދަ ބިޔަ ނާގަހަރުފައެއް ފާކުރައްވާނެތެވެ. އެސޮރުގެ އަނގައިން ބޮޑު ދެފޭރާދަތް ނިކުމެފަ ހުންނާނެއެވެ. ދެން އޭނާގެ ފަހަތުން ފަހަމުން ފަހަމުން ދުވާނެތެވެ. އޭނާ އަތުޖެހުމާއެކު އެއްކަލަ ފޭރާދަތުން އޭނާގެ ދަތްދޮޅިދަށުގައި ލައްވާފައި އުފުލާނެތެވެ. އަދި ބުނާނެތެވެ. އަހަންނަކީ ކަލޭގެ ޚަޒާނާއީމެވެ. އަހަންނަކީ ކަލޭގެ މުދަލީމެވެ. ދެން އެއަށްފަހު ލޮބުވެތި ރަސޫލާ ކީރިތި ޤުރުއާނުގެ އާލުޢިމްރާން ސޫރަތުގެ 180 ވަނަ އާޔަތް ކިޔަވައި ވިދާޅުވިއެވެ. މާނައީ:"އަދި ﷲ އެއިލާހުގެ ފަޟުލުވަންތަ ވެރިކަމުން އެބައިމީހުނަށް ދެއްވި މުދަލަށް ދަހިވެތިވާ މީހުން، އެއީ ތިމެންމެނަށްޓަކައި ހުރި ހެވެއްކަމުގައި ހީނުކުރާހުށިކަމެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ އެމީހުންގެ މައްޗަށް ހުރި ނުބައެކެވެ. ޤިޔާމަތް ދުވަހުގައި އެމީހުން ވެގަތް ދަހިވެތިކަން އެމީހުންގެ ކަރުގައި ކަސްދަޅުއެޅި ފާވެގަންނާނެއެވެ.

* ރިބާގެ މުޢާމަލާ ކުރާމީހާގެ ޙާލު :

ރިބާގެ މުޢާމަލާ ކުރާމީހުންނަކީ ކަނޑައެޅިގެން ދީނުގެ ޢަދުއްވުންނެވެ. ﷲއާއި އެއިލާހުގެ ރަސޫލާއާ ހަނގުރާމަ ކުރުމަށް ނިކުމެއުޅޭ މީހުންނެވެ. ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 278-279ގައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. މާނައީ: "އޭ އީމާންވެތިބި މީހުންނޭވެ. ﷲއަށް ބިރުވެތިވެ ރައްކައުތެރިވާށެވެ. އަދި ރިބާގެ ގޮތުގައި ތިޔަބައިމީހުންގެ އަތުގައި ހުރިތަކެތި ދޫކޮށްލާށެވެ. އެއީ ތިޔަބައިމީހުން ޙައްޤުގޮތުގައި ﷲއަށް އީމާންވާ ނަމައެވެ. ފަހެ ތިޔަބައިމީހުން ﷲ މަނާކުރެއްވި މިކަންތައް ދޫކޮށްލަން ނޭދޭނަމަ ﷲއާ އެއިލާހުގެ ރަސޫލާއާ ހަގުރާމަކުރުމަށް ތައްޔާރަށް ތިބޭށެވެ. އަދި ތިޔަބައިމީހުން ތައުބާވެ، ރިބާކެއުން ހުއްޓާލާ އެއިލާހުގެ ޙަޟުރަތަށް އެނބުރި ރުޖޫޢަވެއްޖެ ކަމުގައި ވަނީނަމަ ތިޔަބައިމީހުން ހޯދިމުދަލުގެ ރައުސުމާލުވަނީ ތިޔަބައިމީހުނަށެވެ. އެއިރުން ތިޔަބައިމީހުން އެއްވެސް މީހަކަށް ދަރަންޏަށް ދީގެން ރިބާ އިތުރަށް ހޯދައި އެއްވެސް މީހަކަށް އަނިޔާވެރި ނުވާނޫއެވެ. އަދި ތިޔަބައިމީހުންނަށް ވެސް ނަގާ ދަރަނީގެ ސަބަބުން އަނެކާއަށް އިތުރަށް ދީ އަނިޔާވެރިކަން ނުލިބޭނެއެވެ."

އާޚިރަތުގެ ޢަޛާބު ޙައްޤުވުމުގެ އެންމެ މުހިއްމު އެއްކަމަކީ ރިބާކެއުމެވެ. އެމީހުން ޤިޔާމަތް ދުވަހުގައި އެމީހުންގެ ކަށްވަޅުން ތެދުވާއިރު ތެދުވާނީ މީހަކު ގަދަޔަށް ތެޅުމުން އަނިޔާވެރިވެ ވަރުބަލިވެފައިވާ މީހަކު ތެދުވާ ފަދައަކުންނެވެ. ނުވަތަ ޖިންނިއަޅައިގަނެ ތެޅިފޮޅި ވަރުބަލި ވެފައިވާ މީހެއް ފަދައިންނެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. މާނައީ: " ރިބާގެ މުޢާމަލާކުރާ މީހުން (ޤިޔާމަތް ދުވަހު) ކަށްވަޅުން ތެދުވާއިރު ތެދުވާނީ ޖިންނި މޮޔަވެގެންހުރެ ވަރުބަލިވެފައިވާ މީހަކު ފަދައިންނެެވެ. އެއީ އެމީހުން ރިބާ ޙަލާލުކޮށް ވިޔަފާރި ފަދައިން ޙަލާލު އެއްޗެއް ކަމުގައި ބުނެއުޅޭތީއެވެ. އެހެންނާ ﷲ ވަނީ ވިޔަފާރި ހުއްދަ ކުރައްވައި ރިބާ ޙަރާމް ކުރައްވާފައެވެ." (އަލްބަރާ 275)

* ޒިނޭކުރާ މީހާގެ ޙާލު :

ޒިނޭ އަކީ އިސްލާމް ދީނުގައި ޙަރާމް ކުރެވިގެންވާ ކަމެކެވެ. މާތްﷲ ލަޢުނަތް ލައްވާފައިވާ އެއްކަމެކެވެ. މިކަމުގެ ފާފައިގެ ބޮޑުކަން އެއްވެސް މުސްލިމަކަށް އޮޅިފައި ނުވާ ބޮޑުފާފައެކެވެ. ޤިޔާމަތް ދުވަހުގައި ދެގުނަ ޢަޛާބު އެމީހެއްގެ މައްޗަށް ދެމިގެންވާނެ ކަން އަންގަވާފައިވާ މީހެކެވެ. އެއިލާހު ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. މާނައީ: "ތިޔަބައިމީހުން ޒިނޭއާއި ޒިނޭއަށް މަގުފަހިވާނެ އެއްވެސް ކަމަކާ ކައިރިވެ ނުގަންނާށެވެ. ހަމަކަށަވަރުން އެއީ ހަޑިކަންބޮޑު މުޑުދާރު ކަމެކެވެ. އަދި ނުބައި ވެގެންވާ މަގެކެވެ." (އަލްއިސްރާ: 32)

ކަށްވަޅުގެ ޢަޛާބުގެ ވާހަކައިގައި އައިސްފައި ވެއެވެ. ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހުވަފެންފުޅެއްގައި، ޒިނޭކުރާ ފިރިހެނާއާއި ޒިނޭކުރާ އަންހެނާ ދެކެވަޑައިގެންފައި ވެއެވެ. އޭގައި އެކަލޭގެފާނު ޙަދީޘުކުރައްވާފައި ވެއެވެ. "ދެން ތިމަންމެން ވަޅުއުނދުނެއްފަދަ އެއްޗެއްގެ ކައިރިއަށް އައިމެވެ. އެހިދު އެތަނުން ބާރު ހަޅޭކާއި އަޑުފަށްގަނޑު އިވެއެވެ. ތިމަންމެން އެތަނަށް ބެއްލެވި ހިނދު އެތާނގައި ތިބީ ރޯބަރަހަނާ ތިބި ފިރިހެނުންތަކަކާއި އަންހެނުންތަކެކެވެ. އެމީހުންގެ ދަށުން އަލިފާނުގެ ހުޅުގަނޑު ރޯވެގެން އަރައަރަ ހުއްޓެވެ. އެއަލިފާންގަނޑު އެމީހުންގެ ގައިގައި ޖެހޭހިނދު އަމީހުންގެ ހަޅޭގެ އަޑުފަށްގަނޑު ބޮޑަށް ގަދަވެގަނެއެވެ. އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި މަލާއިކަތުން ދެންނެވިއެވެ. މިއީ ދުނިޔެމަތީގައި ޒިނޭކޮށް އުޅުނު މީހުންނެވެ. (އަޙްމަދު، ބުޚާރީ، މުސްލިމް، ނަސާއީ)

* ދެބައޮޑުވާމީހާއާއި ނެތިމޮށޭމީހާގެ ޙާލު :

ނެތިމޮށުމަކީ، މީހަކު ނެތްތާނގައި އެމީހާއާ ބެހޭގޮތުން އޭނާ ނޭދޭވާހަކަ ދެއްކުމެވެ. ނުވަތަ އެމީހާގެ ނޭދޭ ސިފަ ބަޔާންކޮށް އުޅުމެވެ. މީހުންގެ މަސްކައި އުޅުމެވެ. ދެބައޮޑުވުމަކީ، ދެބަކޮށުވުމެވެ. ދެމީހެއްގެ ދެމެދުގައި ވާހަކަތައް ހިފައިގެން ގޮސް އުނިއިތުރު ކޮށްގެން އެދެމީހުންގެ ދޭތެރެ ޖެހޭގޮތަށް ވާހަކަ ދެއްކުމެވެ. މިދެސިފައަކީ ވެސް ދީނުގައި ބޮޑުވެގެންވާ ފާފައިގެ ތެރޭގައި ލައްވާފައިވާ ކަންކަމެވެ. ބޮޑުވެގެންވާ އުރެދުމެވެ. އެއީ މުސްލިމުންގެ މެދުގައި ފިތުނަ ފަސާދަ އުފެދި މީހުން ބައިބައިވާނެ ކަމަކަށް ވާތީއެވެ. އެއުރެންގެ މެދުގައި އޮންނަންވާ ލޯތްބާއި ކުލުނު ރުޅިވެރިކަމާއި ޙަސަދަވެރިކަމަކަށް ބަދަލުވެގެންދާނެ ކަމަކަށް ވާތީއެވެ.

ލޮބުވެތި ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައި ވެއެވެ. " މިޢުރާޖުގެ ދަތުރުފުޅުގައި ރަތުލޮއިންވާ ނިތަފަތިތަކަކުން ތިމާމެންގެ މޫނާއި މޭގައި ވަކިއަޅައި ނޮޅަމުން ދިޔަ ބަޔަކާއި ތިމަން ކަލޭގެފާނާ ބައްދަލުވިއެވެ. އެވަގުތު ތިމަން ކަލޭގެފާނު ޖިބުރީލުގެފާނުގެ އަރިހުން ސުވާލު ކުރެއްވީމެވެ. މިއީ ކޮންބައެއްތޯއެވެ؟ އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. އެއީ މީސްތަކުންގެ އަބުރަށް އަރައިގަނެ އެމީހުންގެ މަސް ކައިއުޅޭ މީހުންނެވެ. (އަހްމަދު، އަބޫދާއޫދު) އަދި ވެސް ޙަދީޘުގައި އައިސްފައި ވެއެވެ. އެއްފަހަރެއްގައި އިތުރު އެކަލޭގެފާނު ތަނަކަށް ވަޑައިގަންނަވަނިކޮށް ދެމަހާނައަކަށް ޢަޛާބުލިބޭތަން ފެނިވަޑައިގެން އެދެމީހުން ޢަޛާބަށް ކެތްނުކުރެވިގެން ހަޅޭލަވާއަޑަށް އެތަނަށް ވަޑައިގެން ޙަދީޘު ކުރެއްވިއެވެ. "މިދެމީހުނަށް މިހާރު ކަށްވަޅުގެ ޢަޛާބުލިބެނީއެވެ. އެދެމީހުން އެއީ ބޮޑުކަމެއްކަމުގައި ނުދެކުނުކަމުގައި ވިއަސް އެއީ ވަރަށް ބޮޑުކަމެކެވެ. އެކަކީ ދެބައޮޑުވާމީހެކެވެ. ..." (ޝާފިޢީ، އަޙްމަދު، ބުޚާރީ، މުސްލިމް، ތިރުމިޛީ، ނަސާއީ)

* ކިބުރުވެރިޔާގެ ޙާލު :

ކިބުރުވެރި ވުމަކީ ބޮޑާވެގަތުމެވެ. ކިބުރިޔާވަންތަ ކަމަކީ މާތް ﷲ އަށް ޚާއްޞަ ސިފަފުޅެކެވެ. އެނޫން އެއްވެސް ފަރާތަކާ އެކަށީގެންވާ އެއްވެސް ފަރާތަކަށް ހުއްދަވެގެންވާ ސިފައެއްކަމުގައި މިސިފަ ނުވެެއެވެ. ލޮބުވެތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘުފުޅެއްގައި ވެއެވެ. " ބޮޑާވެއުޅޭމީހުން ޤިޔާމަތް ދުވަހުން ޙަޝުރު ކުރެވޭހުށީ ލޮލަށް ނުފެންނަވަރުގެ ކުދިކުދި ރަތް ހިނިތަކެއް ފަދައިންނެވެ. އެބައިމީހުންގެ މޫނުތައް އިންސާނުންނާ އެއްފަދަވާނެއެވެ. އެމީހުންނަށް ހުރީ މުޅިންމެ ނިކަމެތިކަމާއި އިހާނެތެވެ. ނަރަކައިގެ ބޫލަސް ކިޔާ އަލިފާނުންވާ ބިރުވެރި އަނދިރި ވަތްގަނޑަކަށް އެމީހުން ގެންގޮސް އަޅާލެވޭނެއެވެ. އެތަނުގައި ރޯކުރެވިގެންވާ އަލިފާންގަނޑު އެމީހުންގެ ބޯމަތިން އަރާފައި ހުންނާނެއެވެ. އެތާނގައި އެމީހުންނަށް ބޯންދެވޭނީ ނަރަކަވެރިންގެ ގައިން ފައިބާ ހޫނު ފާދިޔައެވެ." (އަޙްމަދު، ތިރުމިޛީ، ނަސާއީ)

* ރައްޔިތުންނާ އަޅާނުލާ ވެރިޔާގެ ޙާލު :

ވެރިޔާއަކީ ރައްޔިތުންގެ ކަންތައްތައް ބެލެހެއްޓުމަށާއި އެއުރެންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށް އިސްކުރެވިފައިވާ މީހެކެވެ. މިފަދަ ވެރިޔާއަކީ ޤިޔާމަތް ދުވަހު އެންމެމަތީ މަޤާމުގައިވާނެ މީހެކެވެ. ނަމަވެސް ރައްޔިތުންނާ އަޅާނުލާ އެމީހުންގެ ޙާލު ނުބަލައި އެމީހުންގެ ޙާޖަތްތައް ފުއްދައިނުދީ އެމީހުންނަށް އަނިޔާވެރިވާ ނަމަ އެފަދަ ވެރިއަކަށް ވުރެ ބަދުނަޞީބު މީހެއް ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ނޫޅޭނެއެވެ. ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވި ބަސްފުޅެއް އިމާމު ބުޚާރީއާއި ޠަބަރާނީ ނަގުލުކުރައްވާފައި ވެއެވެ. " މުސްލިމުންގެ ރައްޔިތަކާ ޙަވާލުވެފައި ހުރި ވެރިއަކު އެމީހުނަގެ ޙައްޤު ފޭރިގަނެ، އެމީހުންނާމެދު ޢަދުލު އިންޞާފު ޤާއިމުނުކޮށް، އެމީހުންނަށް އަނިޔާވެރިވާނަމަ އެމީހަކަށް ސުވަރުގެ ޙަރާމް ކުރެވިގެން ވެއެވެ. އަދި އޭނާ މޫނުވަތަށް ނަރަކައަށް ވައްޓާލެވޭނެއެވެ." އަދިވެސް އިމާމު އަޙްމަދާއި ތިރުމިޛީ ރިވާކުރައްވާފައި ވެއެވެ. " މީސްތަކުންގެ ވެރިއަކަށް ހުރެ އެމީހުންގެ ޙާލުއަޙްވާލު ނުބަލާ އެމީހުންގެ ޙާޖަތްތައް ފުއްދައި ނުދޭނަމަ މާތް ﷲ ދުނިޔެމަތީގައި އެމީހެއްގެ ދުޢާ އިޖާބު ކުރެއްވުމުން ދުރުހެލިވެ ވޮޑިގެންފާނެތެވެ."

* ޖާސޫސުކުރާ މީހާގެ ޙާލު :

ޖާސޫސު ކުރުމަކީ އަނެކުން ނޭދޭ ޙާލު އެމީހުންގެ ކަންތައް ބަލައި ވާހަކަތައް އަޑުއަހައި އެކަންތައްތައް އަނެކުންގެ ގާތަށް ނަގުލުކޮށް ހަދާމީހާއެވެ. މިފަދަ މީހުންނާމެދު ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައި ވެއެވެ. " ބަޔަކުމީހުން ނުއިއްވަން އުޅޭ ވާހަކައެއް ނުވަތަ ނުރުހޭ ވާހަކައެއް އަޑުއަހާ ކަމުގައި ވަނީ ނަމަ ޤިޔާމަތް ދުވަހުގައި މާތްﷲ އޭނާގެ ކަންފަތަށް ކަޅުކުލައިގެ ދޮންތިމަރަ އަޅުއްވާނެތެވެ. (އަޙްމަދު، ބުޚާރީ، ތިރުމިޛީ، އަބޫދާއޫދު)

* ބުދުހަދާމީހާގެ ޙާލު:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައި ވެއެވެ. "ބުދުހަދާ މީހުންނަށް ޤިޔާމަތް ދުވަހުގައި އެތަކެއްޗަށް ފުރާނަ އެޅުމަށް އެންގެވޭނެތެވެ. އެކަމެއް އޭނާއަކަށް ނުކުރެވޭނެއެވެ. އަދި ފުރާނަ އެޅެންދެން އޭނާއަށް ޢަޛާބުލިބޭނެއެވެ." (ބުޚާރީ، މުސްލިމް، ތިރްމިޛީ، އަބޫދާއޫދު)

* މައްޔިތާގެ މައްޗަށް އަޑުލައި ރޮއިހަދާމީހާގެ ޙާލު :

މީހަކު މަރުވުމުގެ ސަބަބުންނާއި މުޞީބާތެއް މެދުވެރިވުމުގެ ސަބަބުން އެކަމުގެ މައްޗަށް އަޑުލައި ރުއިމަކީ ދީނުގެ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އެކަމަށް މައްޔިތާ ވަޞިއްޔަތް ކޮށްފައިވާނަމަ އެއީ އެކަމުން އޭނާއަށް ކަށްވަޅުގައި ޢަޛާބު ލިބޭނޭ ކަމެއްކަމުގައި ޙަދީޘުގައި އައިސްފައި ވެއެވެ.

މިގޮތަށް މައްޔިތާގެ މައްޗަށް އަޑުލައި ރުއިހަދާމީހާ އަކީ އޭނާ ތައުބާނުވެ މަރުވެއްޖެ ކަމުގައި ވާނަމަ ވަރަށް ބޮޑު ފާފަ ވެރިއެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. " މައްޔިތާގެ މައްޗަށް ނުވަތަ މުޞީބާތަކާހުރެ އަޑުލައި ރޮއިހަދާ މީހާ ތައުބާނުވެ ހުރެ މަރުވެއްޖެ ނަމަ، ޤިޔާމަތް ދުވަހުގައި ކަތުރާނުގެ ދިގު ހެދުމެއް ލެވި އަލިފާނުގެ ދަހަނާ އެޅުވޭނެއެވެ. (މުސްލިމް، އަބޫދާއޫދު، އިބްނުމާޖާ)

* މަސްތުވާ ތަކެތި ބޭނުންކުރާމީހާގެ ޙާލު :

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައި ވެއެވެ. "ކޮންމެ މަސްތުވާ އެއްޗެއް ޙަރާމް ވެގެންވެއެވެ. ހަމަކަށަވަރުން މަތްﷲ ވަނީ މަސްތުވާ ތަކެތި ކައި ބޮއި އުޅޭމީހާއަށް ޤިޔާމަތް ދުވަހުގައި ބޯންދިނުމަށް ވަޢުދުވެ ވޮޑިގެންފައިވަނީ ނަރަކަ ވެރިންގެ ގައިން ފައިބާ ހޫނު ފާދިޔައެވެ. " (މުސްލިމް)

* ޔަތީމު ކުދިންގެ މުދާ ކައިއުޅޭމީހުންގެ ޙާލު :

ތިމާމެނާ ޙަވާލުކުރެވޭ ޔަތީމު ކުދިންނާއި އެކުދިންގެ މުދަލަކީ ތިމާމެންގެ އަމާނަތެއްކަން ދަނެ، އެއަށް ފުރިހަމަ ގޮތުގައި އަމާނާތްތެރިވާން ވާނެއެވެ. އެއިން ޚަރަދެއް ކުރަންޖެހޭނީ ކޮންމެހެން ކުރަންޖެހޭ ޚަރަދެކެވެ. އެނޫންގޮތަކަށް ޚަރަދެއް ކުރެވޭނަމަ އެކަންވާނީ އެކުދިންނަށްޓަކައި ކުރެވޭ އަނިޔާއަކަށެވެ. މާތް ﷲ އައްނިސާ ސޫރަތުގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. މާނައީ: "ހަމަކަށަވަރުން ޔަތީމުންގެ މުދާ އަނިޔާވެރި ގޮތުގައި ކައިއުޅޭ މީހުން ދަންނާށެވެ. ހަމަކަށަވަރުން އެމީހުން އެމީހުންގެ ބަނޑަށް ސިކާރަ އެކުރަނީ އަލިފާނެވެ. ނަރަކައިގެ އަލިފާނުގެ ގަދަ ހުޅުގަނޑުގެ ތެރެއަށް އެމީހުން ދާނެކަން ކަށަވަރެވެ."

* މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންގެ ޙާލު :

އަނިޔާއަކީ ބޮޑުފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ޤިޔާމަތް ދުވަހުގައި ނަރަކައިގެ އަނދިރީގައި އުޅެންޖެހޭ ކަމެއް މެއެވެ. ބޮޑުވެގެންހުރި ވަޢީދުގެ ބަސްފުޅު އެކަމަށް އައިސްފައިވާ ކަމެއް މެއެވެ. ޚާއްޞަކޮށް މީސްތަކުންގެ ޙައްޤަށް އަރައިގަތުމަކީ އަނިޔާގެ ތެރެއިން އަރައިހުރި އަނިޔާއެވެ. ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައި ވެއެވެ. " މީހެއްގެ އަތުން ބިމުން ތަންކޮޅެއް ވެސް ނުޙައްޤުން އަތުލައިގެންފި މީހާ ދަންނާށެވެ. އޭނާގެ ބޮލަށް ހަތްބިން ފާކުރައްވައި ހަތްބިމުގެ އަޑިޔަށް ވައްދަވައި އެކަމުގެ ޢަޒާބު ދެވެމުން ދާނެއެވެ." (ބުޚާރީ، މުސްލިމް)

* ޢައުރަ ނިވާނުކޮށް އުޅޭ އަންހެނުންގެ ޙާލު :

ޝައިޠާނާ އެންމެ އުފާކުރާ ކަމަކީ އާދަމުގެ ދަރިން ބަރަހަނާ އުޅޭ އުޅުމެވެ. އެހެންކަމުން އެސޮރު އާދަމު ޢަލައިހިއްސަލާމުގެ ދެކަލުން ސުވަރުގެއިން ބޭރުކޮށްލުމަށް ރޭވި ރޭވުމުގައި ވެސް ޖެހި މަޅިފައްޗަކީ މަނާކުރެވުނު ގަހުން އެބޭކަލުން ފަރީކުޅުއްވުމަށް ޓަކައި ވަސްވާސް ދީ ހެދުމެވެ. އަދި އެދެކަލުންގެ ހެދުންކޮޅުން އެދެކަލުން ބޭރުކޮށް ބަރަހަނާ ކޮށްލުމެވެ. އެއީ އެދެކަލުން އެގޮތުގައި ސުވަރުގެއިން ބޭރުކޮށްލުމަށެވެ. އެދެކަލުންގެ ޢައުރަ ގުނަން ހާމަކުރުމަށް ޓަކައެވެ. އެހެންކަމުން އިސްލާމް ދީނުގައި ޢައުރަ ނިވާކުރުމަށް ވަނީ ވަރަށް ބޮޑަށް ސަމާލުކަން ދެއްވާފައެވެ. އަންހެނުންގެ ޢިއްޒަތާއި ޝަރަފުކަމުގައި ވާތީއެވެ. އެކަނބަލުންގެ ކަރާމަތް ސަލާމަތް ކުރެވޭނީ އެކަމުގައި ކަމަށް ވާތީއެވެ.

ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައި ވެއެވެ. " ނަރަކަވެރިންގެ ދެޖަމާޢަތެއް ވެއެވެ. އޭގެ ތެރެއިން އެއްބަޔަކީ ހެދުންލައިގެން އޮރިޔާމުން އުޅޭ އަންހެނުންނެވެ. ތިމަންމެންގެ ހިތް އަނެކުންނަށް ދެމުން އަނެކުންގެ ހިތް އަތުލަމުން ފާޑުފާޑަށް ބޮލުގެ އިސްތަށުގަނޑު ގަތައިގެން ހެދިލައިގެން ދާނެއެވެ. މިކަނބަލުންނަށް ސުވަރުގެ ނުދެވޭހުއްޓެވެ. އަދި ސުވަރުގޭގެ ވަސްޖެހޭ ހިސާބަށް ވެސް ކުއްތަންނުވެވޭ ހުއްޓެވެ. އެތާނގެ ވަހަކީ އެތަކެއް މޭލުކޮޅަށް ފެތުރިފައިވާ ވަހެކެވެ."

މާތް ﷲ އަޅުގަނޑުމެން އެންމެން މިފަދަ ސުންޕާ ފާފަތަކުން ސަލާމަތްވެ އިސްލާމްދީނުގެ ތެދުމަގުގެ މަތީގައި ތިބުމުގެ ތައުފީޤު ދެއްވާށި! އާމީން

އަޅުގަނޑުމެން ގުނަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަށްވެފައި އަހަރެމެންނަށް ކުރެވިފައިވާ ފާފަތައް ފުއްސެވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދެންނެވުން ފަސްނުކުރައްވައި، މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފަން މަސައްކަތްކުރައްވާށެވެ. އަހަރެމެންގެ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲގެ ޙަދީޘްފުޅުތަކުން ރަމަޟާންމަހު ފާފަ ފުއްސެވުންއެދި ކުރަން ވާރިދުވެފައިވާ އެއް ދުޢާއަކީ އެވެ. މާތްﷲއީ ޢަފޫކުރައްވާ އިލާޙެވެ. ތަޢުބާވުމާއިއެކު އެކަލާނގެ ޙަޟުރަތުން ވާގިއެދޭށެވެ.

ކޮމެންޓް

ގުޅޭ ލިޔުންތައް