އިސްލާމްދީނުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ މަގު

އެޑްމިން

ޢިބްރަތްތެރި ވާހަކައެއް

މީހަކު އޭނާގެ އެމީހާގެ ދަރިފުޅުގެ ނުކިޔަމަންތެރި ކަމުގެ ސަބަބުން އަމީރުލްމުއުމިނީން ޢުމަރުބުނުލްޚައްޠާބުގެ އަރިހަށް ޙާޟިރުވެ ޝަކުވާކުރިއެވެ. ޢުމަރުގެފާނު އެކުއްޖާގެންނަވައި ނަޞޭޙަތްދެއްވާ ބައްޕައާއި މެދު ހެޔޮކޮށް ކަންތައް ކުރުމަށް ވަޞިއްޔަތް ކުރެއްވި އެވެ. ދެން އެ ދަރިފުޅު ދެންނެވިއެވެ. އޭ އަމީރުލްމުއުމިނީން އެވެ. ދަރިފުޅުގެ ޙައްޤުތަކެއްވެސް ބައްޕަގެ މައްޗަށް ވޭ ނޫންތޯއެވެ؟ ޢުމަރުގެފާނު ވިދާޅުވިއެވެ. އާނއެކެވެ. އެކުއްޖާ ދެންނެވިއެވެ. އެ ޙައްޤުތަކަކީ ކޮބައިތޯއެވެ؟ ޢުމަރުގެފާނު ވިދާޅުވިއެވެ. ތަޤުވާވެރި މަންމައަކު އިޚުތިޔާރުކޮށްދިނުމާއި ދަރިފުޅަށް ރަނގަޅު ނަމެއް ކިޔުމާއި، މާތް ﷲ ގެ ފޮތް ކީރިތި ޤުރުއާން ދަސްކޮށް ދިނުމެވެ. ދަރިފުޅުދެންނެވިއެވެ. އޭ އަމީރުލްމުއުމިނީނެވެ. އެއިން އެއްވެސްކަމެއް ބައްޕަ އަހުރެންނަކަށް ނުކޮށްދެއެވެ. އަޅުގަނޑު ގެ މަންމައަކީ މަޖޫސީއަކު ގެންގުޅުނު އަޅު އަންހެނެކެވެ. ތިމަންގެނަމަކަށް ކިޔަނީ ޖުއުލާ(ރުކުމަޑި) އެވެ. މާތް ﷲ ގެ ފޮތުން އެންމެ އަކުރެއްވެސް ތިމަންނައަކަށް އުނގަންނައެއްނުދެއެވެ. ޢުމަރުގެފާނު އެމީހާއާއި ދިމާއަށް އެނބުރިވަޑައިގެންއޭނާއާއި މުޚާޠަބުކުރައްވާ ވިދާޅުވިއެވެ. ކަލޭ ތިމަން ކަލޭގެފާނުގެ އަރިހަށް ދަރިފުޅުގެ ނުކިޔަމަންތެރިކަމުގެ ޝަކުވާ ކުރަން ތިއައީ އޭނާ ކަލެއަށް ނުކިޔަމަންތެރިވުމުގެ ކުރިންވަނީ ކަލޭ އޭނާއަށް ނުކިޔަމަންތެރިވެފައެވެ. އޭނާ ކަލެއަށް ގޯސްކޮށް ހިތުމުގެ ކުރިން ކަލޭ ވަނީ އޭނާއަށް ގޯސްކޮށް ހިތައިފައެވެ.

* ދުނިޔެއަށް އުފަންވުމުގެ ކުރިން ދަރިފުޅަށްޓަކައި އަދާކުރުމަށް ހުރި ކަންތައްތައް:

- ކުއްޖާއަށްޓަކައި ޞާލިޙު ރަނގަޅު މަންމައަކު އިޚުތިޔާރުކުރުން

- ލިބެންއުޅޭ ދަރިފުޅަށްޓަކައި އަބަދުވެސް ހެޔޮ ދުޢާކުރުން

- މަންމައާއި ބައްޕަ ޖިސްމާނީ ގޮތުންނާއި، ނަފުސާނީގޮތުން ދުޅަހެޔޮ ޞިއްޙާތެއްގައި ތިބުން

* ދުނިޔެއަށް އުފަންވުމާއި އެކު:

- ކަންފަތްދޮށުގައި ބަންގި ގޮވުން

- ތަޙުނީކު ކުރުން (ކަދުރު ފަދަ ފޮނި އެއްޗެއް ކުއްޖާގެއަނގައަށްލެއްވުން)

- ހަތްދުވަސްވާދުވަހު ބޯބޭލުން ބޮލުން ބޭލިއިސްތޮށީގެ ބަރުދަނުން ޞަދަޤާތް ކުރުން

- ހަތްވަނަ ދުވަހު ކުއްޖާއަށް ރަނގަޅު ނަމެއް ކިޔުން

- ޢަޤީޤާ ކަތިލުން

- ޚިތާނު ކުރުން

- ދީނީކަންކަން ދަސްކޮށްދެއްވުމާއި އެކަންކަމަށް ބާރުއެޅުއްވުން

- ހަތް އަހަރުވުމުން ނަމާދު ކުރުމަށް އަމުރުކުރުމަށައި 10 އަހަރު ވުމުންއަދަބުދީގެންވިޔަސްނަމާދުކުރެއްވުމުގެމައްޗަށް ބާރުއެޅުއްވުން

وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا لَا نَسْأَلُكَ رِزْقًا نَّحْنُ نَرْزُقُكَ وَالْعَاقِبَةُ لِلتَّقْوَى (ޠާހާ 132)

(އެގޮތުން ދަރިން ގޮވައިގެންމިސްކިތަށް ގޮސް ނަމާދުކުރުމަށް އާދަކުރެއްވުން)

ޙަދީޘްގައިވަނީ :" ދަރިންނަށް ހަތް އަހަރު ވުމުން ނަމާދުކުރުމަށްއަމުރުކުރާށެވެ! ދިހަ އަހަރު ވުމުން ކުދިން ނަމާދު ނުކުރާނަމަ އަދަބުދޭށެވެ! 10 އަހަރު ވުމުން އަންހެން ދަރިންނާއި ފިރިހެން ދަރިން ނިދާތަން ވަކިކުރާށެވެ!"

- ނަމާދު ކުރުމަށް ބާރުއަޅާ ޢުމުރަށް ދަރިފުޅު ދިއުމުން ރޯދަހިފުމުގެމައްޗަށްވެސް އާދަކުރުވުން (އަޞްހާބު ބޭކަލުން އެބޭކަލުންގެ ތުއްޕުޅު ދަރިކަލުންނާމެދު އެގޮތަށް ކަންތައްކުރައްވާފައިވެއެވެ.)

- ޤުރުއާން ކިޔެވުމަށާއި ޤުރުއާނާއި މެދު ދަރިން ހިތްތަކުގައި ލޯބިޖެއްސުން

- ނަބީކަލޭގެފާނަށް ލޯބިޖެއްސުން

- ރަސޫލާގެ އަޞްޙާބު ބޭކަލުންނަށް ، އަހުލުބައިތުންނަށް ލޯބިޖެއްސުން

ދަރިންގެހިތްތަކުގައި ތިންކަމެއްގެމައްޗަށް ލޯބިޖެއްސުމަށް ކީރިތި ރަސޫލާ މައިންބަފައިންނަށް އިރުޝާދުދެއްވާފައިވެއެވެ.

އެއީ ކީރިތި ޤުރުއާނަށް ލޯބިކުރުމަށާއި، ނަބީކަލޭގެފާނަށް ލޯބިކުރުމަށާއި ، ރަސޫލާގެ އަޞްޙާބުންނަށް ލޯބިކުރުމަށް

- ދަރިންނަށް އިސްލާމީ އަދަބުތައް ދަސްކޮށްދެއްވުން އޭގެ ތެރޭގައި

- ކެއިން ބުއިމުގެ އަދަބުތައް - ނިދުމާއި ނިދިން ހޭލުމުގެ އަދަބުތައް

- ސަލާމް ކުރުމުގެ އަދަބުތައް - މަޖިލީހުގެ އަދަބުތައް

- ވާހަކަދެއްކުމުގެ އަދަބުތައް - ކަންކަމުގައި ހުއްދަ ހޯދުމުގެ އަދަބުތައް

- ސަމާސާކުރުމުގައި ގެންގުޅެންވީ އަދަބުތައް

ދަރިންނަށް އިސްލާމީ އަޚުލާޤު ދަސްކޮށްދީ އާދަކޮށްދެއްވުން

- ތެދުވެރިކަން - އަމާނާތްތެރިކަން - ވަފާތެރިކަން

- ޙިލްމުވެރިކަން - ލަދުވެތިކަން - އިޚުލާޞްތެރިކަން

- އޯގާތެރިކަން - މަޢާފުކުރުން - ހިއްވަރު ގަދަކަން

- ޝުކުރުވެރިވުން - ޢަދުލުވެރިކަން - ޢިއްފަތްތެރިކަން

- ފުދުންތެރިކަން - އެހީތެރިކަން މިފަދަ ސިފަތަކަށް ބާރުއެޅުން

ކުޑަކުދިންނާއިމެދު ރަސޫލާގެ ހިދާޔަތު

- ކުޑަކުދިންގެ ގައިގާ ބޮސްދެއްވުން - ކުޑަކުދިންނާއި ސަމާސާކުރެއްވުން

- ކުޑަކުދިންނަށް ސަލާމްކުރެއްވުން - ކުޑަކުދިންނާއި އެކު ކުޅުން

- ކުޑަކުދިންގެ ބޮލުގައި ފިރުމާލުން

ދަރިންތަރުބިއްޔަތު ކުރުމުގައި އެހީތެރިވެދޭ ބައެއް ކަންތައްތައް

- ތަރުބިއްޔަތު ކުރުމުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެހީއާއި ތެދުމަގަށް އެދުން

- ދަރިންނަށް ހެޔޮދުޢާކުރުމާއި ބަދު ދުޢާ ނުކުރުން

- ގެއާއި ގެއިން ބޭރުގައިވެސް ދަރިންގެކަންތައްތައް ބެލެހެއްޓުން

- މުންކަރާތްތަކާއި ފަސާދަކުރާ ވަޞީލަތްތަކުން ދަރިންދުރުހެލިކުރުވުން

ތަރުބިއްޔަތުގެ ބައެއް އުޞޫލު

- ނަމޫނާ ދެއްކުން - ޢަމަލީގޮތުން ކުރުވުން

- ވަޢުޟާއި ނަޞޭޙަތް - ވާހަކައާއި ޙާދިޘާގެ ޢިބުރަތް

- މިޘާލުޖަހައިގެން - ބަޝަރަތާއި އިންޛާރު

ދަރިންތަރުބިއްޔަތު ކުރުމާއި ގުޅޭ ބައެއް އިރުޝާދު

"ތިބާގެ ދަރިފުޅާއި އެކު ފުރަތަމަ ހަތް އަހަރު ގައި ކުޅެ ހަދާށެވެ. ދެވަނަ ހަތް އަހަރުގައި ކިޔަވައިދޭށެވެ. ދެން އަންނަ ހަތް އަހަރުގައި އެކުވެރި ރަޙުމަތްތެރިއަކަށް ވާށެވެ. އެއަށް ފަހު އޭނާއަށް މިނިވަންކަންދީ ދޫކޮށްލާށެވެ."

" ތިޔަބައިމީހުންގެ ދަރިންނަށް ފަތާށާއި ދުނިއުކާށާއި، ސަވާރުވުމަށް އުނގަންނައިދޭށެވެ!"

ދަރންނާއިމެދު މައިންބަފައިން އަޅާލުމަށް ބާރުއަޅާ ބައެއް ބަސްފުޅުތައް

1- يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا (ތަޙުރީމު6 ން) މާނަ : " އޭ އީމާންވެއްޖެ މީށްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި ތިޔަބައިމީހުންގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ!

2- ޙަދީޘްގައިވަނީ :" ދަރިންނަށް ހަތް އަހަރު ވުމުން ނަމާދުކުރުމަށްއަމުރުކުރާށެވެ! ދިހަ އަހަރު ވުމުން ކުދިން ނަމާދު ނުކުރާނަމަ އަދަބުދޭށެވެ! 10 އަހަރު ވުމުން އަންހެން ދަރިންނާއި ފިރިހެން ދަރިން ނިދާތަން ވަކިކުރާށެވެ!"

3- ޙަދީޘްގައިވަނީ ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައެވެ. ދެން އެކުއްޖާ(އަށް ދެވޭ ތަރުބިއްޔަތެއްގެ ސަބަބުން) ޔަހޫދީއަކަށް ހަދަނީ ނުވަތަ ނަޞާރާ އަކަށް ހަދަނީ ނުވަތަ މަޖޫސީ އަކަށް ހަދަނީ އެކުއްޖެއްގެ މައިން ބަފައިންނެވެ."

4- ކޮންމެ މީހަކީ ބަލަހައްޓާމީހެކެވެ. އަދީ ކޮންމެ މީހަކީ އެމީހަކުބެލެހެއްޓުމުގެ ދަށުގައިވާ ބަޔަކާއިމެދުގައި ސުވާލުވެވޭނޭ މަސްއޫލުވެރިއެކެވެ.

ޢާންމު ހެދޭ ބައެއް ގޯސްތައް

- މައިންބަފައިންގެ މެދުގައި ދެކޮޅުވެރިކަން އުފެދުން

- ރަޙުމަތްތެރިން ގޮތުގައި ވިޔާ ނުދިން އިޚުތިޔާރުކުރުން

- މިޒަމާނުގެ މީޑިޔާ ގެވަޞީލަތްތަކުން ނޭދެވޭގޮތުގައި ކުރާ އަސަރު

- ތާކުންތާކު ނުޖެހޭ ގޮތްތަކުގެމައްޗަށް ދަރިން ތަރުބިއްޔަތު ކުރުން

- ބިރުގަންނުވައިގެން ތަރުބިއްޔަތުކުރުން

- ތަރުތީބެއް ނެތުމާއި، ހަމަނުޖެހުން އުފެއްދުމުގެ ގޮތްތަކަށް ތަރުބިއްޔަތު ކުރުން

- ބޭނުންކޮންމެ އެއްޗެއް ހޯދައިދެވި އިސްރާފުކުރުން

- ދަރިންގެ ކަންތައް ތަކުގައި ފަރުވާކުޑަކުރެވުން

- ދަރިންނަށް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން އާދަކުރެވިފައި ނުވުން

- ހަމައެކަނި ބޭރުފުށުގެ ގޮތްތަކަށް ތަރުބިޔަތު ކުރެވުން

- ނަފުސަށް އިތުބާރު ނުކުރުމާއި މަސްއޫލިއްޔަތުން ރެކޭ މީެއްގޮތުގައި ތަރުބިޔަތު ކުރެވުން

- ދަރިންމެދުގައި ތަފާތުކުރެވުން

- ޚާދިމުންގެއަތްމައްޗަށް ދަރިން ދޫކޮށްލެވުން

- މަންމައާއި ބައްޕައަށް ދެގޮތަށްދަރިއާއި މެދު ކަންކުރެވުން

- މާބޮޑަށް އިތުބާރުކުރުމާއި، ޝައްކުކުރުމުގައި ޙައްދު ފަހަނަޅާއި ދިއުން

- ދަރިންގެ ކަންތައްތަކާއި މެދު މާބޮޑަށް ބިރުގަތުން


މަޢުލޫމާތުނެގީ:

އަލްމިމްބަރ ، ދަރުމަ، އަތްމަތީ ކަރުދާސް

ލިޔުނީ: 2011 އޭޕްރިލް

ކޮމެންޓް

ގުޅޭ ލިޔުންތައް